ފޮތުގެ މުހިއްމުކަން

ހަދީޘްތަކުގައި ބަޔާންވެފައިވަނީ އިސްލާމީ އަޤީދާ އަދި ފިޤްހް ގެ މުހިންމު ޤަވާއިދުތައް
ހަދީޘްތަކުގެ އުސްލޫބަކީ ޖަވާމިޢުލް ކަލިމް (ކުރު ޢިބާރާތްތަކަކުން މާނަފުން ބޭނުންތެރި ފިލާވަޅުތަކެއް ދިނުން)
ފޮތެއްގެ މުހިންމުކަން އެނގޭ އެއްގޮތަކީ އެފޮތް ގިނަ ޢިލްމުވެރިން ޝަރަޙަކޮށްފައިއޮތުމުންނެވެ. މިފޮތް ވަރަށް ގިނަ ޢިލްމުވެރިން ޝަރަޙަކޮށްފައިވެއެވެ. މިގޮތުން އެންމެ މަޝްހޫރު އަދި އެންމެ ފައިދާބޮޑު ޝަރަޙައަކީ އިމާމް އިބްނި ރަޖަބުގެ ޖާމިޢުލް ޢުލޫމުލް ޙިކަމްއެވެ.
ފުރަތަމަ ހަދީޘް

عن أمير المؤمنين أبي حفص عمر بن الخطاب (رضي الله عنه) قال: سمعت رسول الله (صلى الله عليه وسلم) يقول:

"إنما الأعمال بالنيات و إنما لكل امرئ ما نوى، فمن كانت هجرته إلى الله ورسوله، فهجرته إلى الله ورسوله، ومن كانت هجرته لدنيا يصيبها أو امرأة ينكحها، فهجرته إلى ما هاجـر إليه".

(رواه إماما المحدّثين: أبو عبدالله محمـد بن إسماعيل بن إبراهيم بن المغيرة بن بردزبه البخاري الجعفي، وأبو الحسين مسلم بن الحجاج بن مسلم القشيري النيسابوري في صحيحيهما اللذين هما أصح الكتب المصنفة).

ހަދީޘްގެ މާނަ:

"ނިޔަތްގަތް ގޮތުގެ މައްޗަށް މެނުވީ ޢަމަލުތައް ބިނާވެގެންނުވެއެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. ފަހެ ﷲއާއި އެއިލާހުގެ ރަސޫލާއަށް ހިޖުރަކޮށްފިމީހާގެ ހިޖުރަވާހުށީ ﷲއާއި އެކަލާނގެ ރަސޫލާއަށް ކުރެވުނު ހިޖުރައެއް ކަމުގައެވެ. އަދި ދުނިޔަވީ ކަމަކަށް ނުވަތަ މީހަކާއި ކައިވެނިކުރުމަށްޓަކައި ހިޖުރަކުރިމީހާގެ ހިޖުރަވާހުށީ އޭނާ ހިޖުރަކުރި ކަމެއްގެ މައްޗަށެވެ."

ހަދީޘްގެ މުހިއްމުކަން

މިހަދީޘަކީ އިސްލާމްދީނުގެ ތިންބައިކުޅަ އެއްބައިކަމުގައި ބައެއް ޢިލްމުވެރިންވިދާޅުވެއެވެ.
ފޮތެއްފަށާނަމަ، އޭގެ ފެށުމަކަށް ގިނަ ޢިލްމުވެރިން ހިމަނަނީ މިހަދީޘެވެ.
އަޅަކަށްލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ހުރިހާ ކަމެއްގައިވެސް އޭނަގެ ނިޔަތް ތެދުވުމެވެ.
ފިޤްހު ޢިލްމުގެ މައި ޤަވާއިދުތަކުގެ ތެރެއިން އެއް ޤަވާއިދު ބިނާވެފައިވަނީ މި ހަދީޘްގެ މައްޗަށެވެ.
އެއީ: الأُمُوْرُ بِمَقَا صِدِهَا، ކަންކަމުގައި ޙުކުމް ކަނޑައެޅެނީ އޭގެ މަޤްޞަދަށެވެ.

ހަދީޘް އެކުލެވިފައިވާގޮތް:

މި ހަދީޘްގައިވަނީ ދެ ޖުމްލައާއި އަދި ދެމިސާލެވެ.

ދެ ޖުމްލައިގައިވަނީ އިސްލާމްދީން އޭގެ މައްޗަށް ބިނާވެފައިވާ ޤަވާޢިދުތަކެވެ. ދެމިސާލުގައިވަނީ ދެޖުމްލައިގެ ޝަރަޙައެވެ.

ދެ ޖުމްލައަކީ

"إنما الأعمال بالنيات

و إنما لكل امرئ ما نوى،

ދެ މިސާލަކީ

فمن كانت هجرته إلى الله ورسوله، فهجرته إلى الله ورسوله، ومن كانت هجرته لدنيا يصيبها أو امرأة ينكحها، فهجرته إلى ما هاجـر إليه"

إنما ދަލީލްކޮށްދެނީ ޙަޞްރުކުރުމަށެވެ.

الأعمال ޢަމަލުތަކުގެ ތެރޭގައި ހިތުގެ ޢަމަލުތަކާއި، ދުލުގެ ޢަމަލުތަކާއި، ގުނަވަންތަކުގެ ޢަމަލުތައް ހިމެނެއެވެ.

بالنيات ނިޔަތުގެ މާނައަކީ ކަމަކަށް ޤަސްދުކުރުމެވެ.

هجرة އެއްރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރުމަކީ ހިޖުރަކުރުމެވެ. އަދި ގޯސް ޙާލަތަކުން ރަނގަޅު ޙާލަތަކަށް ބަދަލުވުމަކީވެސް ހިޖުރަކުރުމެވެ. މިސާލަކަށް ބޮޑެތި ފާފަތައް ކުރަމުންއައި މީހަކު ފާފަކުރުން ދޫކޮށްލާ، ރަނގަޅު ޞާލިޙް މީހަކަށްވުމަކީވެސް ހިޖުރަކުރުމެކެވެ.

ހަދީޘާއި ގުޅުންހުރި އެހެން ބައެއް ނައްޞުތަކާއި އާޘާރުތައް

"وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَّنثُورًا" (ފުރުޤާން 23 ).

މާނަ: " އަދި ޢަމަލުތަކުގެ ތެރެއިން އެމީހުން ކުރި ކަންތައްތައް ތިމަން އިލާހު ބައްލަވައި، އެ ޢަމަލުތައް ވަޔާ ބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ." އާދެ މިއާޔަތުގައި މިވަނީ ދެއްކުންތެރިކަމާއެކު ދުނިޔެމަތީގައި ޢަމަލުތައް ކޮށްއުޅުނު މީހުންގެ ވާހަކައެވެ.

مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾ " (ހޫދު 15، 6 )

މާނަ "ދުނިޔޭގެ ދިރިއުޅުމާއި އެދުނިޔޭގެ ޒީނަތްތެރި ކަމަށް އެދޭމީހާ ދަންނާށެވެ. އެއުރެންގެ ޢަމަލުތައް ތިމަންރަސްކަލާންގެ އެއުރެންނަށް އެތާންގައި ހަމައަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާންގައި އުނި ނުކުރެއްވޭހުއްޓެވެ. އެއުރެންނީ އާޚިރަތުގައި ނަރަކަނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުނެވެ. އަދި އެއުރެންކުޅަ ޢަމަލުތައް ، އެތާންގައި ބޭކާރު ވެގެންވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާތިލުވެގެން ވެއެވެ."

ހެޔޮ ކަމެއްކުރުމުގެ ނިޔަތް އޮވެ، ދިމާވި ކަމެއްގެ ސަބަބުން އެކަންކުރުމަށް ނުކުޅެދުނުކަމުގައިވިޔަސް އެމީހަކަށް އެހެޔޮ ޢަމަލުކުރުމުގެ އަޖުރު ލިބޭނެއެވެ. އަންނަނިވި ހަދީޘުން އެކަން ދަލީލްކޮށްދެއެވެ.

«إِذَا مَرِضَ العَبْدُ، أَوْ سَافَرَ، كُتِبَ لَهُ مِثْلُ مَا كَانَ يَعْمَلُ مُقِيمًا صَحِيحًا» صحيح البخاري

" (ﷲގެ) އަޅާ ރަށުގައި ޤާއިމުވެ، ހެޔޮ ޙާލުގައިހުރެ (ޤަވާޢިދުން) ކުރާ ޢަމަލުތައް، އޭނާ ބަލިވެގެން ނުވަތަ ދަތުރުމަތީގައިވުމުގެ ސަބަބުން ނުކުރެވުނުކަމުގައިވިޔަސް އެ ޢަމަލުތަކުގެ އަޖުރު އޭނައަށް ލިޔުއްވޭނެއެވެ."



ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޞައްޙަ ޙަދީޘެއްގައިވެއެވެ. އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ.

إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ عَلَيْهِ رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ. قَالَ: كَذَبْتَ، وَلَكِنَّكَ قَاتَلْتَ لِأَنْ يُقَالَ جَرِيءٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ، وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ وَقَرَأْتُ فِيكَ الْقُرْآنَ. قَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ عَالِمٌ، وَقَرَأْتَ الْقُرْآنَ لِيُقَالَ هُوَ قَارِئٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ وَسَّعَ اللَّهُ عَلَيْهِ، وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلَّا أَنْفَقْتُ فِيهَا لَكَ. قَالَ: كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ هُوَ جَوَادٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ ثُمَّ أُلْقِيَ فِي النَّارِ». رواه مسلم،

މާނަ "ހަމަކަށަވަރުން ޤިޔާމަތް ދުވަހުން އެންމެފުރަތަމަ ހިސާބު ބެއްލެވޭހުށީ ޝަހީދުވި މީހެއްގެ އެވެ. އޭނަ ގެނެވޭނެއެވެ. ދެން(ޝަހީދެއްގެ ދަރަޖަ ހާސިލްކުރުމަށްޓަކައި) އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން އެނާ ހަނދާންވާނެއެވެ. ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. ތިމަންނަ ޝަހީދުވަންދެން އިބަ އިލާހުގެ މަގުގައި ހަނގުރާމަ ކުރީއެވެ. އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ހަނގުރާމަކުރީ ކަލޭތީ ބަޠަލެކޭ ނުވަތަ ކެރޭ މީހެކޭ މީސްތަކުން ބުނުމަށްޓަކައެވެ. (ދުނިޔެމަތީގައި) މީސްތަކުން ކަލޭތީ ބަޠަލެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ދެވަނަމީހަކީ ޢިލްމު އުނގެނި އެ ޢިލްމު އުނގަންނައިދޭން އުޅުނު މީހެކެވެ. އަދި ޤުރުޢާން ކިޔަވައިދޭން އުޅުނު ޤާރީއެކެވެ. އޭނާ ގެނެވޭނެއެވެ. ދެން އޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. ތިމަންނަ އިލްމު އުނގެނި އެޢިލްމު އުނގަންނައިދިނީ އެވެ. އަދި އިބަ އިލާހައްޓަކައި ޤުރުއާން ކިޔެވީމެވެ. އެއަށްފަހު އޭނައަށް ބުނެވޭނެ އެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ޢިލްމު އުނގެނުނީ މީސްތަކުން ކަލޭތީ ޢާލިމެކޭ ބުނޭތޯއެވެ. އަދި ކަލޭ ޤުރުއާން ކިޔަވާ އުޅުނީ ކަލޭތީ ޤާރީ އެކޭ ބުނެއުޅުމަށްޓަކައެވެ. ދެން ބުނެވޭނެއެވެ. ދުނިޔެމަތީގައި މީސްތަކުން ކަލޭ އެދުނު ގޮތަށް ޤާރީއެކޭ ، ޢާލިމެކޭ ބުނެއުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ. ތިންވަނަ މީހަކީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވާ ތަފާތު ބާވަތްބާވަތުގެ މުދާ ދެއްވި މީހެކެވެ. އޭނާ ގެނެވޭނެއެވެ. ދެންއޭނާއަށް ދެއްވުނު ނިޢުމަތްތައް ހަނދާންކޮށްދެވޭނެއެވެ. އަދި އެކަން ހަނދާންވާނެއެވެ. އަދި އޭނާއަށް ބުނެވޭނެ އެވެ. އެ ނިޢުމަތްތަކާމެދު ކަލޭ ކަންތައްކުރި ގޮތަކީ ކޮބާހެއްޔެވެ؟ އެނާ ޖަވާބުދޭނެއެވެ. އިބަ އިލާހު އެމަގަކުން ހޭދަކުރައްވަން ރުހިވޮޑިގެންނެވި އެއްވެސް މަގެއް ތިމަންނަ އިބައިލާހަށްޓަކައި ހޭދަނުކޮށް ދޫނުކުރަމެވެ. ދެން އޭނައަށް ބުނެވޭނެއެވެ. ކަލޭ ތިހެދީ ދޮގެވެ. އެހެނެއްކަމަކު ކަލޭ ތިކަންކުރީ މީސްތަކުން ކަލެއަށް ނިސްބަތްކޮށް އެއީ ދީލަތި މީހެކޭބުނުމަށްޓަކައެވެ. ދުނިޔެމަތީގާ މީސްތަކުން ކަލޭތީ ދީލަތި މީހެކޭ ކިޔާ އުޅުނެވެ. ދެން އޭނާ މޫނުވަތަށް ދަމާފައި ގެނައުމަށް އަމުރުކުރެވޭނެއެވެ. އެގޮތުގައި ގެންގޮސް ނަރަކައަށް އެއްލާލެވޭނެއެވެ."

ޢަބްދުﷲ ބުން މުބާރަކް ވިދާޅުވިއެވެ

"ނިޔަތުގެ ސަބަބުން ކުޑަ ޢަމަލެއްވެސް މަތިވެރިވެގެންދެއެވެ. އަދި ނިޔަތުގެ ސަބަބުން ބޮޑު ޢަމަލެއްވެސް ކުޑަކަމަކަށްވެގެންދެއެވެ."